ރައީސް މުއިއްޒު އިންޑިއާގެ ފޮރިން މިނިސްޓަރު ޖެއިޝަންކަރު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދައްކައި، އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފިއެވެ.

މާލީ ވުޒާރާއިން ބުނި ގޮތުގައި މިއަހަރުގެ ޖެނުއަރީ އަދި މެއި މަހު ބައެއް ފައިސާ ދެއްކުމަށްފަހު، ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދު ދެއްކުމުން މުޅި ދަރަނި ވަނީ ދައްކައި ނިމިފައެވެ.

މި ދަރަނި ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭރު ފައިސާގެ ދަތިކަމެއް ނެތް ކަމަށް މާލީ ވުޒާރާއިން ވަނީ ޔަގީންކަން ދީފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމުނު އޮގަސްޓް މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 644 މިލިއަން ޑޮލަރު ހުއްޓެވެ. ސަރުކާރުން މިއަދު ބަޔާން ނެރެފައިވަނީ، މި ދަރަނި ދެއްކުމުގެ ސަބަބުން ރިޒާވަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

މިއަހަރުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1.7 ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، ސަރުކާރުން އަންނަނީ ދުރާލައި ރޭވުންތެރިކަމާއެކު ދަރަނި މެނޭޖުކުރަމުންނެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކަކާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްވެސް ވަނީ ކާމިޔާބުކަމާއެކު ޚަލާޞްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް