މި ސަރުކާރުގައި ސިޔާސީ ހައްޔަރީން ނުތިބޭނެކަން ރައީސް މުއިއްޒު ސާބިތުކޮށްދެއްވައިފި: ފަތުހީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ އިފްތިތާހީ ޖަލްސާއިން ފެނިގެންދިޔައީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކަމާއެކު އިންނެވި މަންޒަރު ކަމަށާއި، މި ސަރުކާރުގައި ސިޔާސީ ހައްޔަރީން ނުތިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމަލީގޮތުން ސާބިތުކޮށްދެއްވާފައިވާ ކަމަށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެއެވެ.

ސިޔާސީ މައިދާނުން ފެންމުންދާ މިފަދަ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ފަތުހީ ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ވެރިކަންތަކުގައި ސިޔާސީ އިސް ޝަޚުޞިއްޔަތުންނާއި ވާދަވެރި ލީޑަރުން ތިއްބަވަން ޖެހިވަޑައިގަންނަވަނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ. ނަމަވެސް، ވާދަވެރިން ޖަލަށްލުމުގެ ނޭދެވޭ ސަގާފަތް މުޅިން ނިމުމަކަށް ގެންނަވައި، ސިޔާސީ ހަސަދަވެރިކަމާއި ބަދަލުހިފުމުގެ ރޫހު ޤައުމުން ފޮހެލެއްވި ޒައީމަކީ ރައީސް ޑރ. މުޢިއްޒު ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެކުރިން ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތަކުން އިވެމުންދިޔައީ ވާދަވެރިން ނައްޓާލުމާއި ބިރުދެއްކުމުގެ އަޑުތައް ކަމަށްވީ ނަމަވެސް، މިއަދު ފެންނަމުންދަނީ ހުރިހާ ފަރާތްތަކެއް އެކުގައި ގުޅިގެން މަސައްކަތްކުރާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ ވިސްނުމާއި ޚިޔާލުތަކުގެ ސަބަބުން މީހުން ޖަލަށްލުމަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ތަކުރާރުވަމުން އައިސްފައިވާ ކަމެއް ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ސިޔާސީ ބޭނުމަކަށްޓަކައި އެއްވެސް ލީޑަރަކު ނުވަތަ އާންމު ރައްޔިތަކު ޖަލުގައި ނުބޭއްވުން ކަމަށް ފަތުހީ ވިދާޅުވިއެވެ. އެގޮތުން، މި ޖަލްސާގައި ޕީއެންސީގެ އިތުރުން އެމްޑީޕީއާއި، އެމްއެންޕީ އަދި ޢަދާލަތު ޕާޓީގެ އިސް ލީޑަރުންވެސް ބައިވެރިވެވަޑައިގެންފައިވުމަކީ މިނިވަންކަމާއި އެކުވެރިކަމުގެ އެންމެ ފުރިހަމަ މިސާލުކަމަށް އޭނާ ސިފަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް