ނ. ކުޑަފަރީގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ މަޝްރޫއުގެ މަސައްކަތްތައް ހުއްޓުމެއްނެތި، ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ވިދާޅުވިގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަނަށް ބޭނުންވާ ޓައި ބީމް އެޅުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫއަކީ 27.6 މިލިއަން ރުފިޔާގެ ޖުމްލަ އަގަކަށް، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ވަރަށް މުހިންމު މަޝްރޫއެކެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދްމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ ގިނަ ރަށްރަށެއްގައި މިފަދަ ޞިއްޙީ މަރުކަޒުތައް އެޅުމުގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަ އެއް ކުންފުންޏެވެ. ވޭތުވެދިޔަ 44 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި، މަގުހެދުމާއި، އިމާރާތްކުރުމުގެ އުމްރާނީ ތަރައްގީގެ މުހިންމު އެތައް މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމައިދީފައެވެ.





