މި ސަރުކާރުން ހަވާލުވިފަހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި 1.33 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި، އެ ތަކެއްޗާ ގުޅުންހުރި 23 މައްސަލައެއް މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ޒަމާންވީ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖެއަށް ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މިނިވަންކުރުން ހުއްޓުވުމުގެ ގޮތުން، އެފަދަ ކުށްވެރިންނަށް އަފޫއާންމު ދިނުމާއި ޖަލު މުއްދަތު ކުރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ދީފައިވާ ބާރުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދޫކޮށްލައްވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތި ސަޕްލައިކުރާ މިންވަރު މަދުކުރުމަށް 508 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށަށް ގެންދަނިކޮށް 17،000 އެއްހާ ރާފުޅި އަތުލައިގެންފައިވާ ކަމަށާއި، ރާ އެތެރެކުރާ ބައެއް ފަރާތްތަކުގެ ހުއްދަ ހިފަހައްޓާފައިވާ ކަމަށްވެސް އިޙްސާން ހާމަކުރެއްވިއެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުން ދެނެގަނެ ފިޔަވަޅު އަޅަން ފުލުހުންގެ ތެރޭގައި ޚާއްސަ ޚިދުމަތެއް ގާއިމުކޮށްފައިވާ އިރު، ކާގޯއާއި ޕޯސްޓު މެދުވެރިކޮށް އެތެރެކުރާ ތަކެތި ސްކޭންކުރުން ވަނީ ވަރުގަދަކޮށްފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ %21.4 އަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.





