ސައުދީގެ މެރިޓައިމް ޑިފެންސް ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

ސައުދީ އަރަބިއްޔާގެ އިސްނެގުމުގެ މެދުވެރިކޮށް އުފައްދާފައިވާ "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން މި ކޯލިޝަންގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

ދިފާއީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން އުފައްދާފައިވާ މި ކޯލިޝަނުގައި ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއާ ގާތް ގުޅުންތައް ބާއްވާ އެހެނިހެން ޤައުމުތައްވެސް ބައިވެރިވެއެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޤައުމީ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް