ގާލްގައިޑް ހަރަކާތަކީ އިންސާނިއްޔަތަށް އިސްކަންދިނުމުގެ ރޫހު އާލާކޮށްދިނުމާއެކު، ފަރުދުންގެ ދިރިއުޅުމަށް މަގުދައްކައިދޭ މުހިންމު ތަރުބަވީ ބިންގަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި ބޭއްވި 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެކަނބުލޭގެ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޙަރަކާތްތަކަކީ މާޒީއަށް ބަލާއިރު މިހާތަނަށް ރާއްޖޭގެ 7،000 އަށްވުރެ ގިނަ ދަރިވަރުންނަށް ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދީފައިވާ ވަރަށް އަގުހުރި އެދުރުގެތަކެކެވެ.
ދުނިޔޭގައި ގާލްގައިޑްގެ ޚިދުމަތް ފެށުނުތާ 116 އަހަރު ވެފައިވާއިރު، ރާއްޖޭގައި މި ޙަރަކާތަށް އަންނަ އަހަރު 75 އަހަރު ފުރިގެންދާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. މިއިން ހާމަވެގެންދަނީ ދިވެހިން އަބަދުވެސް ރަނގަޅު އަޚްލާޤަށާއި އުނގެނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެވެ. އަދި ދުނިޔޭގައި މި ޚިދުމަތް ފެށުނުތާ ވަރަށް ކުރީކޮޅުގައި ދިވެހިރާއްޖެއިން މި ޙަރަކާތުގައި ބައިވެރިވެފައިވުމަކީ، ދިވެހިންގެ ކިބައިގައި މިފަދަ ކަންކަމަށް ހުރި ޝައުޤުވެރިކަން ހާމަވާ ކަމެއް ކަމަށްވެސް އެކަނބުލޭގެ ވިދާޅުވިއެވެ.
މި ތަމްރީނު ކޭމްޕްތަކުގެ ސަބަބުން ބައިވެރިންގެ ފަރުދީ ޝަޚުޞިއްޔަތު ބިނާވެ، ވަގުތަށް ކަމޭހިތުމާއި، ޞިއްޙަތަށް ސަމާލުކަންދިނުމާއި، ކަންކަމުގައި ފަރުވާތެރިވެ މުރާލިވުމުގެ ރޫހު އަށައިގަންނަ ކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ. ހަމައೆހެންމެ، އަމިއްލަ ޢާއިލާއާއި ގާތްތިމާގެ މީހުންނަށް ކުލުނުވެރިވުމާއި، ދީނާއި ޤައުމުގެ ޙައްޤުތަކާއި އަގުތައް އިޙްސާސްކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާ ކަމަށް އެކަނބުލޭގެ ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ ތަމްރީނުތަކުގެ ސަބަބުން މުޖުތަމަޢަށް ބޭނުންވާ ފަރުދީ ޝަޚުޞިއްޔަތުގެ އިތުރުން އިޖްތިމާޢީ ޝަޚުޞިއްޔަތުވެސް ވަރުގަދަވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެގޮތުން، ވަގުތީ މަންފާއަށްވުރެ ޖަމާޢަތުގެ މަޞްލަޙަތު ކުރިއަށް ނެރުމަށާއި، ކަންކަމާމެދު ތޫނުފިލިކަމާއެކު ވިސްނާ ބަޔަކަށް ވުމަށް މި ހަރަކާތްތަކުން މަގުފަހިކޮށްދޭ ކަމަށް އެކަނބުލޭގެ ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، ޤައުމީ ތަރައްޤީގެ ސިޑިން މައްޗަށް އަރައިގެންދާއިރު، މުޖުތަމަޢުގެ މަޤުބޫލު ބައިވެރިއަކަށްވެ، ޤައުމީ އެކި ކަންކަމުގައި އަންހެނުންގެ ބާރުވެރިކަމާއި ނުފޫޒު ހޯދުމަށް ފުރިހަމަ ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވަމުން ސާޖިދާ ވަނީ ގާލްގައިޑްގެ ކުދިންނަށް ހިތްވަރު ދެއްވާފައެވެ.





