ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ޞިއްޙީ ދާއިރާއާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދޭ މުހިންމު ތަރައްޤީގެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. ޚާއްޞަކޮށް، ބޭރުން އެތެރެކުރާ ފޮސިލް ފިއުލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަތްފޯރާ އަގެއްގައި ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ނައިބު ރައީސް ޒުޓް ވަނީ، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެ ބޭންކުން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އިންފްލޭޝަން މަތިވެ، ފޮރިން އެކްސްޗޭންޖަށް އޮތް ޕްރެޝަރު ބޮޑުވާނެއެވެ. ވޭތުވެދިޔަ އަހަރު ރާއްޖެއަށް ތެޔޮ އިމްޕޯޓުކުރުމަށް 10 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ އިރު، ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤްތިޞާދީ ނާޒުކުކަން ކުޑަކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.





