އެމްއެސްޑީން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދޭ ޚިދުމަތް ތައާރަފްކޮށްފި

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) އިން ކަސްޓަމަރުންނަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ޚިދުމަތް ހޯދޭ އައު ނިޒާމެއް ތައާރަފްކޮށްފިއެވެ.

މި ޚިދުމަތާއެކު ކަސްޓަމަރުންނަށް އެމްއެސްޑީގެ އޮފީހަށް ވަޑައިގަތުމުގެ ކުރިން އެންމެ ފަސޭހަ ތާރީޚަކާއި ވަގުތެއް ޚިޔާރު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ވެބްސައިޓަށް ވަޑައިގެން "ބުކް އެޕޮއިންޓްމަންޓް" ޚިޔާރުކުރުމަށްފަހު، ބޭނުންވާ ޚިދުމަތާއި ހުސްވަގުތެއް ޚިޔާރުކޮށްގެން ފަސޭހަކާއެކު އެޕޮއިންޓްމަންޓް ހެއްދޭނެއެވެ. މި ޚިދުމަތުގެ ދަށުން އެކައުންޓް ހުޅުވުމާއި، ސެޓްފިކެޓް ޕްރޮސެސް ކުރުމާއި އަދި ހިއްސާދާރުންނާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ލިބިގެންދާނެއެވެ. ކަސްޓަމަރުންނަށް މި ނިޒާމަށް އަހުލުވެރިވުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ފުރަތަމަ ތިން މަސްދުވަދުގެ އިންތިޤާލީ މުއްދަތެއްގައި އެޕޮއިންޓްމަންޓަކާ ނުލާ އަންނަ ކަސްޓަމަރުންނަށްވެސް (ޖާގަ އޮތް މިންވަރަކުން) ޚިދުމަތް ދޭނެއެވެ. ނަމަވެސް އެ މުއްދަތަށްފަހު އެމްއެސްޑީގެ އިން-ޕާސަން ޚިދުމަތްތައް ފޯރުކޮށްދޭނީ ހަމައެކަނި ކުރިން އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށްވާތީ، ވީއެންމެ އަވަހަކަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދަން ފެށުމަށް އެ ކުންފުނިން އެދިފައިވެއެވެ.

އެމްއެސްޑީއަކީ ރާއްޖޭގައި ސެކިއުރިޓީޒް މިލްކުވެރިކަމުގެ ރަސްމީ ރެކޯޑުތައް ބަލަހައްޓައި، އިންވެސްޓަރުންނާއި ލިސްޓްކޮށްފައިވާ ކުންފުނިތަކަށް ޚިދުމަތްދޭ މައި މަރުކަޒެވެ. މީގެ އިތުރުން އިންވެސްޓަރުންނަށް އީފާސް މެދުވެރިކޮށް "އިންފިނިޓީ" ނަމަކަށްކިޔާ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އިންވެސްޓްމަންޓްތައް ބަލައިލުމާއި އެކައުންޓް ސްޓޭޓްމަންޓް ހޯދުމުގެ ފުރުސަތުވެސް ލިބެއެވެ. އަދި ކުންފުނިތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެވޭ "ފަހިވޯޓު" ވެސް އެ ކުންފުނިން އޮޕަރޭޓް ކުރެއެވެ.

އެމްއެސްޑީގެ ސީއީއޯ ނޫރުބާން ފަހްމީ ވިދާޅުވީ މި އައު ނިޒާމަކީ ކަސްޓަމަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވީހާވެސް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.

އެމްއެސްޑީގެ ކަސްޓަމަރ ސަރވިސް ހުޅުވިވިފައި ހުންނާނީ މާލޭ ބޮޑުތަކުރުފާނު މަގު އެޗް. ގަދަމޫ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާގައި، އާދިއްތައިން ބުރާސްފަތިއަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 2:30 އަށެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3307878 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް