މާލެއިން ފުރައިގެން ރ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ، އޭގައި ހުރި ބައެއް މުދާ ކަނޑަށް އުކާލަންޖެހިއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކާށިދޫ ކަނޑުގައި ދަތުރުކުރަމުންދަނިކޮށް، ދޯނީގައި ބަރުކޮށްފައިހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލުމުގެ ސަބަބުންނެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސްފައެވެ.
ހަތަރު މީހުންނާއެކު ދަތުރުކުރި މި ދޯނި ސަލާމަތް ކުރުމުގެ މަސައްކަތުގެ ތެރެއިން، ދޯނީގެ ބަރުދަން ލުއިކުރުމަށްޓަކައި ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލާފައެވެ. މި ދޯނީގައި ތިބީ ތިން ދިވެހިންނާއި ބިދޭސީ ފިރިހެނެކެވެ. ފުލުހުން ބުނިގޮތުގައި މިހާރުވެސް ދޯނި ދިޔަވާތީ ދިޔަ ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.





