އަބްދުލްރަހީމް ކޮންގްރެސްގެ ތެރެއިން ވާހަކަފުޅު ދައްކަވަނީ

ދިވެހިރައްޔިތުން ބޭނުންވާ އަމާންކަމާއި ފާގަތިކަން ގެނެވޭނީ ޕީއެންސީ ދެވަނަ ދައުރަކަށް ހޮވައިގެންކަމަށާއި، އެ ޕާޓީގެ އަމާޒަކަށް ވާންވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުންކަމަށް ޕީއެންސީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް އިފްތިތާޙީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމިއްޔަތު އިސްކުރައްވާ، ރައްޔިތުންނަށް އަމާނާތްތެރި ލީޑަރެއްކަން ފާހަގަކުރެއްވިއެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރިލް މަހު އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވިއިރު ތިބީ 3,000 އެއްހާ މެމްބަރުން ކަމަށާއި، ނަމަވެސް މިހާރު ދެވަނަ ކޮންގްރެސް ބާއްވާއިރު ޕާޓީގެ މެމްބަރުންގެ އަދަދު 80,000 އަށް އަރަން ކައިރިވެފައިވާކަމީ ލިބުނު ބޮޑު ކާމިޔާބެއްކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރި ގޮތަށްވުރެ ފަސޭހައިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އަމާޒުހިފަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު ކޮންފަރެންސް ކަމަށެވެ. އެގޮތުން މަތީ މަޖިލީހުގައި 1,300 އެއްހާ މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު، ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 79,364 އަށް އަރާފައެވެ. އަދި މި ކޮންގްރެސްގެ ތެރެއިން 1,000 އަށްވުރެ ގިނަ މެމްބަރުންގެ ވޯޓާއެކު ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާޙުތަކެއް ވަނީ ގެނެސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް