"އެންމެ ފުރަތަމަ ޤައުމު" އިސްކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ހުރިހާ ރައްޔިތުންނަށް ޤައުމު އިސްކުރުމަށާއި، ޚާއްޞަކޮށް ސިޔާސީ މަސައްކަތްތަކުގައި "އެންމެ ފުރަތަމަ ޤައުމު" މި ފަލްސަފާ ގެންގުޅުމަށް މިރޭ ވަރަށް ބޮޑަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ޕީއެންސީގެ މަތީ މަޖިލީސް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަރަށް ޤައުމީވަންތަ ރޫޙެއްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ހުރިހާ ސިޔާސަތުތަކެއް އަބަދުވެސް ބިނާވެގެންދާނީ ޤައުމުގެ ހަމަޖެހުމާއި، ތަރައްޤީއާއި އަދި ރައްކާތެރިކަމުގެ މައްޗަށް ކަމަށެވެ. މާޒީގައި ބައެއް ސިޔާސީ ލީޑަރުންނާއި ޕާޓީތަކުން ކަންކަން ކޮށްފައިވާ ގޮތުން، ޒުވާނުންގެ މެދުގައި ސިޔާސީ މަސައްކަތަކީ "ވަރަށް ހަޑި ހުތުރު ކަމެއް" ނުވަތަ ކައިރިވާން ހެޔޮނުވާވަރުގެ ކަމެއްކަމަށް ވިސްވިފައި އޮންނަ ކަމަށާއި، މި ނުރަނގަޅު ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސިޔާސީ މަސައްކަތަކީ ޤައުމު އިސްކޮށްގެން ކުރިއަށްގެންދާނަމަ ވަރަށް ސާފުތާހިރު އަދި ޤައުމަށް ފައިދާހުރި މަސައްކަތަކަށް ވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ވެރިކަމުގައި ތިއްބަސް ނުވަތަ އިދިކޮޅުގައި ތިއްބަސް ޤައުމަށް ގެއްލުންވާ ފަދަ ކަމެއް ކުރާނަމަ އެކަމަކާ ދެކޮޅަށް ތެދުވަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޕާޓީގެ މަޞްލަޙަތަށްވުރެ އަބަދުވެސް ޤައުމުގެ މަޞްލަޙަތު މަތިކަމަށް ދެކިގެން މަސައްކަތް ކުރުމަށް ޕީއެންސީގެ މެންބަރުންގެ ކިބައިންނާއި މުޅި ދިވެހި ޤައުމުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ. އެމަނިކުފާނުގެ އަދި ޕާޓީގެ ވެސް އިތުރު އެޖެންޑާއެއް ނެތް ކަމަށާއި، އޮތީ ހަމައެކަނި ޤައުމަށް ހެޔޮގޮތް ހޯދައިދިނުމުގެ ޤައުމީ އެޖެންޑާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޖުތިމާޢީ ފޭރާމަށް އައިސްފައިވާ ވެއްޓުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވެރިކަމެއް ފެށުނުއިރު އިޖުތިމާޢީ ފޭރާން އޮތީ ވަރަށް ބޮޑަށް ހަލާކުވެ، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ސިފަ ގެއްލިފައި ކަމަށެވެ. ކިތަންމެ ވަރުގަދަ އިމާރާތްތަކެއް އެޅިޔަސް ނުވަތަ ބައިވަރު މަޝްރޫޢުތަކެއް ހިންގިޔަސް، މުޖުޢުނުގެ ބިންގާ ރަނގަޅު ނޫންނަމަ އެއިން އެކަށީގެންވާ ފައިދާއެއް ނުކުރާނެ ކަމަށާއި، އެހެންކަމުން އިންސާނީ ފިކުރު ތަރައްޤީ ކުރުމާއެކު ވަށައިޖެހޭ ތަރައްޤީއެއް ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާޢީ ފޭރާން އަލުން ހެޔޮކުރުމަށް ސަރުކާރުން ފަށަން ތައްޔާރުވަމުންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން" ފަދަ މުހިންމު ކަންކަމުގައި ސިޔާސީ ޕާޓީތަކާއި ހުރިހާ ރައްޔިތުން ފުރިހަމައަށް ބައިވެރިވުމަށް ގޮވާލައްވަމުން، އެފަދަ ކަންކަމުގައި އެހެން ސިޔާސީ ޕާޓީތަކުގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ރައީސް ވަނީ ކަންބޮޑުވުމާއެކު ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް