ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ އޮގަސްޓު 31 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 62 އަހަރުގެ މުޙައްމަދު ޢަފީފު (ޅ. ކުރެންދޫ، މާޖެހިގެ) ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ހާދިސާ ހިނގި ވަގުތު ޢަފީފު ދަތުރުކުރެއްވީ އޭނާގެ ޚާއްސަ އެހީއަށް ބޭނުންވާ 24 އަހަރުގެ ދަރިފުޅު ގޮވައިގެން އޮފީހަށް ފިންގާ ޖަހަން ދިޔަ މަގުމަތީގައެވެ. މި ހާދިސާގައި އޭނާގެ ދަރިފުޅަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
އެކްސިޑެންޓަށްފަހު ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ޢަފީފުގެ ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައެވެ. ސިކުނޑިއަށް ލޭ އެޅިގެން ކުރި މި އޮޕަރޭޝަނަށްފަހުވެސް އޭނާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭގެ ވަގުތެއްގައެވެ.
ނިޔާވި މުޙައްމަދު ޢަފީފަކީ ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ދިވެހި މުދައްރިސެކެވެ. އެގޮތުން ކުރީގެ އެމްއީއެސް، އީޕީއެސް، އަމީނިއްޔާ ސްކޫލް، ޣާޒީ ސްކޫލް އަދި އަލިއްޔާ ސްކޫލުގައި ދިވެހި މުދައްރިސެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. އަދި ނިޔާވުމާ ހަމައަށްވެސް އޭނާ ދިޔައީ ގޭގައި ކުދިންނަށް ދިވެހި މާއްދާއިން ޓިއުޝަން ނަގައިދެމުންނެވެ.





