މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ފަތިހު 05:30 އިން ހެނދުނު 11:30 އަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް މާދަމާއިން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.





