ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ފަންޑުގެ ސީއީއޯއަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސަޢޫދީ ފަންޑުންނާއި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ.
ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ފަންޑާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ އިސްތިރާޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ މި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ފަންޑުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަޢޫދީ ފަންޑުގެ އެހީގައި ހިންގާފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ކުރިމަގުގައިވެސް މި އެއްބާރުލުން އިތުރަށް ފުޅާކުރެއްވުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.





