ސައޫދީ އަރަބިއްޔާގެ މައްކާ، ޖިއްދާ އަދި ތާއިފް ހިމެނޭ ހުޅަނގު ސަރަހައްދުތަކަށް މިސައިލް ނުވަތަ ޑްރޯން ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ސަލާމަތީ އިންޒާރާ ގުޅިގެން، އެ ސަރަހައްދުތަކުގައި އުޅޭ އެންމެހައި ފަރާތްތަކުން ސަމާލުވުމަށް އެމްބަސީތަކުންނާއި ސެކިއުރިޓީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއީ ސަރަހައްދީ ހަމަނުޖެހުންތަކާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެރެފައިވާ ސަމާލުކަމުގެ އިންޒާރެކެވެ.
މި އިންޒާރާ ގުޅިގެން މައްކާގައި ތިބި އުމްރާވެރިންނާއި، ޖިއްދާ އަދި ތާއިފްގައި ދިރިއުޅޭ ނުވަތަ ދަތުރުކުރާ ފަރާތްތަކުން، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުމުގައި ރައްކާތެރިވުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށާއި، ސައޫދީ ސަރުކާރުގެ ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ އަދި އުމްރާގެ އަޅުކަމަށް ގޮސްއުޅޭ ދިވެހިންވެސް މި ދަނޑިވަޅުގައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ސުއޫދީގައި ހުންނަ ދިވެހި އެމްބަސީއަށް ނުވަތަ ޖިއްދާގައި ހުންނަ ކޮންސިއުލޭޓް އޮފީހަށް ގުޅައި އެހީތެރިކަން ހޯދުމަށް އިލްތިމާސްކުރެވެއެވެ.





