މިލަންދޫ 50 ހައުސިން ޔުނިޓުގެ ⁦95%⁩ މަސައްކަތް ނިމިއްޖެ

ށ. މިލަންދޫގައި ސަރުކާރުން ކުރިއަށްގެންދާ 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް މުޅިން ފުރިހަމަކުރެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން "އެކްސް" ގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މަޝްރޫއުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ ފިނިޝިންއާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން 280 ދުވަހުގެ ތެރޭގައި ނިންމުމަށް ތަރައްގީކުރާ މި ހައުސިން ޔުނިޓްތަކުގެ ތެރެއިން ކޮންމެ ޔުނިޓެއްގައި 1،000 އަކަފޫޓުގެ ޖާގަ ހިމެނެއެވެ. މި ތަންތަން ފަރުމާކުރެވިފައިވަނީ ތިން ކޮޓަރިއާއި، ތިން ފާޚާނާގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމެއްވެސް ހިމެނޭ ގޮތަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ގަބޫލުކުރާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލެވުމާއެކު، މިލަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ބޮޑު އަދި އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް