މިދިޔަ އޮގަސްޓް މަހު އަރިދަފުސް ރޯގާގެ އިތުރުން ބޭރަށްހިންގައި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާފައިވާ މީހުންގެ އަދަދު ޖުލައި މަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު، ޖުލައި މަހު 29,883 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، އޮގަސްޓް މަހު އެ އަދަދު ވަނީ 33,696 އަށް އުފުލިފައެވެ. އަދި ބޭރަށްހިންގުމާއި ހޮޑުލެވުންޖެހިގެން ޖުލައި މަހު 4,374 މީހުން ޑޮކްޓަރަށް ދެއްކިއިރު، އޮގަސްޓް މަހު އެ އަދަދު ވަނީ 8,827 އަށް އިތުރުވެ، ދެގުނައަށްވުރެ މައްޗަށް ގޮސްފައެވެ.
އިންފްލުއެންޒާ ބަލީގެ ހާލަތަށް ބަލާއިރުވެސް، ޖުލައި މަހު ފައްސިވީ 32 މީހުން ކަމަށްވިޔަސް، އޮގަސްޓް މަހު ވަނީ 76 މީހަކު އެ ބައްޔަށް ފައްސިވެފައެވެ. މި އަހަރުގެ މިހާތަނަށް މުޅިއެކު 3,257 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 1,106 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.
މިއާ ހިލާފަށް، ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު މަދުވެފައެވެ. އެގޮތުން ޖުލައި މަހު 507 މީހުންނަށް ޑެންގީ ހުން ޖެހުނުއިރު، އޮގަސްޓް މަހު އެ އަދަދު ވަނީ 433 އަށް ދަށްވެފައެވެ.





