މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން މޫސުން ކުރިއަށް ލަފާކޮށް ހާމަކޮށްފައިވާ ގޮތުގައި، މި ވިއްސާރައިގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު ބޮޑެވެ.
ވައިގެ ހަރަކާތްތަކަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 12 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން މަޢުލޫމާތު ދެއެވެ.
މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ވަރަށް ބޮޑަށް ގަދަވެގެންދާނެއެވެ. މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަކޮށް، ވައިގަދަ ދުވަސްވަރަކަށްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެންމެހައި އާންމުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.





