އެކްސިޑެންޓުވުމުން ފިލި ޒުވާނާ ބަނގުރަލާއެކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެން ދިޔަ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. ކަލައިދޫ، ނެސްޓް، އުމުރުން 26 އަހަރުގެ ޣުފްރާން ޚާލިދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ 19:10 ގައި ހުޅުމާލެ ފޭސް 2 ގެ ބެރެބެދިމާ ހިނގުމުގައެވެ. އެ ސަރަޙައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އޭނާ ދުއްވި އުޅަނދުން ޖެހި އެކްސިޑެންޓްވުމުންވެސް، އެ އުޅަނދު މަޑުނުކޮށް ފިލައިގެން ގޮސްފައިވެއެވެ.

މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ޣުފްރާން ހޯދައި ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން އުޅަނދު ބަލައި ފާސްކުރިއިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ.

ޣުފްރާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް