ދިވެހިރާއްޖެއާއި މެލޭޝިއާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލައި، މިއަހަރު ނިމުމުގެ ކުރިން އެ ކޮމިޝަނުގެ ބައްދަލުވުން ބޭއްވުމުގެ މަސައްކަތް ކުރުމަށް އެޤައުމުގެ ވުޒާރާތަކަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބޭއްވެވި ރަސްމީ ފަރީއްކޮޅުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ފަރީއްކޮޅުގައި ބޮޑުވަޒީރު އަންވަރު ވަނީ ރައީސް މުޢިއްޒުގެ ޝަހުސިއްޔަތަށާއި ރާއްޖެއަށް ތަރައްޤީ ގެންނެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފް ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ހަމަޖައްސާ 100 މިލިއަން ޑޮލަރުގެ ކަރަންސީ ސޮވަޕް ފެސިލިޓީގެ ކަންކަން އަވަސްކުރުމަށް މެލޭޝިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރަށް އަންގަވާފައިވާނެ ކަމަށާއި، ތަޢުލީމީ އަދި ސިއްޙީ ދާއިރާއިން ހުރި ކަންބޮޑުވުންތައް ދިވެހި ސަރުކާރާ ގުޅިގެން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތަކަކީ ރާއްޖޭގެ އެއްވެސް އިޚްތިޔާރެއް ނެތި ލިބޭ ގެއްލުންތަކެއްކަން ފާހަގަކުރައްވައި، ސިނާޢީ ޤައުމުތަކުން ދޭ ގެއްލުންތަކަށް ޖަވާބުދާރީ ކުރުވުމުގައި ދުނިޔެ ނުކުޅެދިފައިވާތީ ކަންބޮޑުވުން ހާމަކުރެއްވިއެވެ. އަދި ބާރުވެރިކަމުގެ ބަދަލުގައި ޒިންމާދާރުކަން އިސްކޮށް، ގޯސް ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގެ ހިއްވަރު ރާއްޖޭގައި ހުރިކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.





