އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެން ބޮޑުވެފައި-- ފޮޓޯ: އެމްއެންޑީއެފް

މިދިޔަ ހަފްތާއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ދެކުނުގެ އަތޮޅުތަކުގައި ފެންބޮޑުވެ، ވަގުތީ ގޮތުން ހުސްކުރި ގެތަކަށް އަލުން މީހުން ބަދަލުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ފަށާފައެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޫސުން މިހާރު ރަނގަޅުވަމުންދާއިރު، މެދުކެނޑުނު އާންމު ހިދުމަތްތައް އަލުން ފެށި، އާދައިގެ ދިރިއުޅުމަކަށް ވަނީ ބަދަލުވާން ފަށާފައެވެ. އަދި ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާއިރު، ސިއްހީ އިރުޝާދުތައް އެޗްޕީއޭ މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައްވެސް ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.

މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައްޑޫ ފޭދޫއަށެވެ. އެ ރަށުގެ 80 ވަރަކަށް ގެއަކަށް ފެންވަދެފައިވާއިރު، އޭގެ ތެރެއިން 7 ގެއަކީ މީހުންނަށް ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތައް ލިބިގެން މީހުން ބަދަލުކުރަންޖެހުނު ގެތަކެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް