ފެލިދޫ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިއަށް

ވ. ފެލިދޫގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ މައި އިމާރާތުގެ ފުޓިންގް މަސައްކަތްތަކުގެ އިތުރުން ޝަޓަރިން އަދި ރީއިންފޯސްމެންޓްގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ޖުމްލަ 105.36 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 37 އެނދުގެ ޖާގަ ހިމެނޭ ހޮސްޕިޓަލެއް ބިނާކުރާއިރު، މީގެ ތެރޭގައި 76,175 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 7,147 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އަދި 2,563 އަކަފޫޓުގެ ސާވިސް ސެންޓަރެއް ހިމެނެއެވެ.

އަދި ބިންގަނޑު ކޮނެ ލެވެލްކުރުމާއި، ކޮންކްރީޓާއި މޭޝަނަރީ މަސައްކަތްތަކުގެ އިތުރުން ތަށިމުށިޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ. މި މަޝްރޫއު ނިމުމުން ވ. އަތޮޅުގެ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް