މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 1.5 މިލިއަނަށްވުރެ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.4 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، ސެޕްޓެމްބަރު މަހުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި 60،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.3 އިންސައްތަ ދަށް އަދަދެކެވެ. މިއަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ 254،556 ފަތުރުވެރިންނާއެކު ފެބްުރުއަރީ މަހުގައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއިން 278،605 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައިވާ ރަޝިއާއިން 217،889 ފަތުރުވެރިން އަދި ތިންވަނައިގައިވާ އިނގިރޭސިވިލާތުން 114،735 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ މީހުން ޚިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ (1,091,228 ފަތުރުވެރިން). މީގެއިތުރުން ގެސްޓްހައުސްތަކުގައި 328،203 ފަތުރުވެރިން، ހޮޓާތަކުގައި 34،346 ފަތުރުވެރިން އަދި ސަފާރީތަކުގައި 27،913 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ފަތުރުވެރިން އައި އާރުތަކަށް ބަލާއިރު، ވައިގެ މަގުން ޖުމްލަ 1،497،595 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، މީގެ ތެރެއިން 97.8 އިންސައްތަ މީހުން (1،480،394 ފަތުރުވެރިން) ރާއްޖެ އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. ބާކީ މީހުން ރީޖަނަލް އެއާޕޯޓުތަކާއި ކަނޑުމަގުން (15،583 ފަތުރުވެރިން) ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.





