ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ މިއަދު މެންދުރު ކުރީން ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުފުޅަކީ، ނޮވެމްބަރު 2022 ގައި އެމަނިކުފާނު މެލޭޝިޔާގެ ބޮޑުވަޒީ،ރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ވިޔަފާރިއާއި، އިޤުތިސާދީ އަދި ތަޢުލީމީ ދާއިރާތަކުން ދެ ޤައުމަށް މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅުދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި މަތީ ފަންތީގެ ބައްދަލުވުމުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އެކި ދާއިރާތަކުން އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ޤައުމުގެ ލީޑަރުން ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ވެސް އެކުގައި މަސައްކަތްރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް، މެލޭޝިޔާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ މުހިންމު ބާބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިފަކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ސަރުކާރުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިރަމުންދާއިރު، މިއީ ދިވެހިންނަށާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ވެސް އިތުރު ފަސޭހަތަކާއި ފުރުސަތުތަކެއް ހޯދައިދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް