މުއިއްޒަކީ މަޑުމައިތިރި ނަމަވެސް މެސެޖުތައް ވަރުގަދަ ބޭފުޅެއް: އަންވަރު

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި، އެމަނިކުފާނަކީ އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ ހައްގުގައި ވަކާލާތުކުރައްވާ މަޑުމައިތިރި އަދި އަދަބުވެރި ބޭފުޅެއް ކަމުގައި ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ދެ ލީޑަރުން ދެއްވެވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި މެލޭޝިއާއިން ބައިނަލްއަގުވާމީ މަސްރަހުގައި ގެންގުޅެނީ ވަރަށް އެއްގޮތް ޚާރިޖީ ސިޔާސަތެކެވެ. ޚާއްސަކޮށް ފަލަސްތީނުގެ މައްސަލާގައި ދެ ގައުމުން ވެސް ގެންގުޅެނީ އެއް ފިކުރެއްކަން ފާހަގަކުރައްވައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ހަނުތިބޭ މައްސަލައަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. މުއިއްޒާއި ދިވެހި ސަރުކާރުން ނަންގަވާފައިވާ ހަރުދަނާ ސްޓޭންޑަށް ޝުކުރު އަދާކުރައްވަމުން އަންވަރު ވިދާޅުވީ، ރައީސް މުއިއްޒު ތަމްސީލުކުރައްވަނީ ބުއްދިއާއި ޒަމީރުގެ އަޑު ކަމަށާއި އެމަނިކުފާނަކީ އިންސާނީ ހައްގުތަކުގެ ހަގީގީ ދިފާއުކުރިވެރިއެއް ކަމަށެވެ. އަދި މި މައްސަލައިގައި ދެ ގައުމު ގުޅިގެން ކުރެވެން އޮތް އެންމެ މަތީ ދަރަޖައަކަށް މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށް ބާރުއެޅުމުގައި ރާއްޖެއާއެކު މެލޭޝިއާ ސާބިތުކަމާއެކު އޮންނާނެ ކަމަށް ވިދާޅުވެ، އިސްލާމީ އުންމަތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ރާއްޖެއިން ދައްކަމުންދާ ލީޑަޝިޕަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް ކަމަށް ބޮޑުވަޒީރު ސިފަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް