ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދަށް ގެނައުމަށް ހުށަހެޅުނު އިސްލާހުތައް، އެ ޕާޓީގެ މަތީ މަޖިލީހުގެ ފުރިހަމަ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.
ޖުމްލަ 1،300 އަށްވުރެ ގިނަ މަންދޫބުންގެ ބައިވެރިވުމާއެކު ފެށި މި ބައްދަލުވުމުގެ ފުރަތަމަ ސެޝަނުގައި މި އިސްލާހުތައް ފާސްކުރުމާ ގުޅިގެން، ޕާޓީގެ އައު އަސާސީ ގަވާއިދު މިހާރު ވަނީ އާންމުކޮށްފައެވެ.
އަލަށް ފާސްކުރެވުނު މި އަސާސީ ގަވާއިދުގައި ޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި ހަމަތަކުގެ އިތުރުން، ޕާޓީގެ އޮނިގަނޑު ރޭވިފައިވާ ގޮތާއި އެތެރޭގެ އިންތިޚާބުތައް ކުރިއަށްދާނެ އުސޫލުތައް ހިމެނޭހެން ޕާޓީ ހިންގުމުގެ އެންމެހައި ކަންކަން ވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ. ޕީއެންސީން ބުނާ ގޮތުގައި މި އިސްލާޙުތަކަކީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ސިޔާސީ މައިދާނުގައި ޕާޓީގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ގެނެވުނު މުހިންމު ބަދަލުތަކެކެވެ.
މި އަސާސީ ގަވާއިދަކީ، ޕާޓީ އުފެއްދުމަށްޓަކައި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ފާސްކުރި ގަވާއިދެކެވެ. އޭގެ ފަހުން އެ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ބޭއްވި ފުރަތަމަ މަތީ މަޖިލީހުން މި ގަވާއިދަށް ފުރަތަމަ ފަހަރަށް އިސްލާހު ގެނެސްފައިވެއެވެ.
އެއަށްފަހު، ޕާޓީގެ ކަންކަން ޒަމާނީވަމުންދާ އޮނިގަނޑަކަށް ފެއްތުމަށްޓަކައި އެކި ދުވަސްމަތިން ވަނީ އިސްލާހުތައް ގެނެސްފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހާއި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ އިތުރުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުންތަކުގައި ވެސް އަސާސީ ގަވާއިދަށް ބަދަލުތައް ގެނެސްފައިވެއެވެ. އަދި މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ބޭއްވި މަޝްވަރާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައިވެސް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ސިލްސިލާ މަސައްކަތްތަކުގެ އެންމެ ފަހު މަރުހަލާއެއްގެ ގޮތުން، މިދިޔަ އޯގަސްޓު މަހުގެ 6 ވަނަ ދުވަހު ބޭއްވި މެންބަރުންގެ މަޖިލީހުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރި އިސްލާހުތައް، މިއަދު ކުރިއަށްދާ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ރަސްމީކޮށް ފާސްކޮށް ނިންމާލުމާއެކު ޕާޓީގެ ކުރިމަގުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޕީއެންސީން ދެކެއެވެ.





