ރައީސް މުއިއްުޒު ޕީއެންސީ ކޮންގްރެސްގައި ވާހަކަދައްކަވަނީ

ޒިންމާދާރުކަން ކުޑަ ގޮތަކަށް ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި، އެފަދަ ކަންކަން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރެއަށް ވެއްދުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ސޯޝަލް ސެންޓަރުގައި ފެށުނު އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސިޔާސީ މައިދާނުގައި ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އަދި އެއްވެސް އިމެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ ކަންކަމަށް ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއިން ޖާގަ ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޕީއެންސީއަކީ ގައުމާއި ގައުމިއްޔަތާއި ދީނާއި ސަގާފަތް އަދި އަމިއްލަވަންތަކަން އިސްކުރާ ޒިންމާދާރު ޕާޓީއެއް ކަމަށާއި، ވަކި ބޭފުޅެއްގެ އަމިއްލަ މަސްލަހަތު އިސްނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮންގްރެސްގައި ބައިވެރިވާ 1،000 އަށްވުރެ ގިނަ މަންދޫބުން ގައުމީ މަސްލަހަތު އިސްކޮށް، އެއަށްފަހު ޕާޓީގެ މަސްލަހަތު ކުރިއަރުވައި ނަމޫނާ ދައްކަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީގެ މެންބަރުންގެ އަދަދު ގާތްގަނޑަކަށް 80،000 އަށް އަރާކަން ފާހަގަކުރައްވަމުން، އެކުވެރިކަމާއެކު މަތީ މަޖިލީހުގެ ކަންކަން ނިންމެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި ޕާޓީގެ މުހިންމު ނިންމުންތަކެއް ނިންމުމުގެ އިތުރުން، ޕާޓީގެ ނައިބު ރައީސުން ހޮވުމުގެ އިންތިޚާބުވެސް ކުރިއަށްދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް