މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އަށް މާލެއިން ރަސްމީކޮށް މަރުހަބާ ދެންނެވުން

ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައި ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. މިއަދު ހެނދުނު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް އަރުވައި، ދިވެހި އަސްކަރިއްޔާގެ ބޭންޑުން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރއެއް އިންސްޕެކްޓް ކޮށްދެއްވުމުގެ އިތުރުން، ސްކޫލް ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްވެސް ކުރިއަށްދިޔައެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިއްޒަތްތެރިންނާއި މެލޭޝިއާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވަނީ ތަޢާރަފުވެވަޑައިގެންފައެވެ.

މި މަހުގެ 14 އިން 15 އަށް ކުރައްވާ މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ. ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް