ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް މިއަދު ސޯޝަލް ސެންޓަރުގައި ރަސްމީކޮށް ފަށައިފިއެވެ. މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސް އިފްތިތާހުކޮށްދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި އެ ޕާޓީ ތަމްސީލުކުރައްވާ ކައުންސިލުތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ އިތުރުން ގިނަ އަދަދެއްގެ މަންދޫބުން ވަނީ މާލެ އައިސްފައެވެ. ކޮންގްރެސް ފެށުމުގެ ކުރިން އިއްޔެގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މި މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.
ޕާޓީގެ މުހިންމު ނިންމުންތަކެއް ނިންމުމަށް މިއަދު ފެށި މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސުން ހޮވުން އޮންނާނެއެވެ. ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރުވެސް އެ މަގާމުގައި ތިއްބެވި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލާއި، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އަދި ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިއުވެސް ވަނީ މި މަގާމަށް ކުރިމަތިލައްވާފައެވެ.
މިވަގުތު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން އެ ޕާޓީގައި 67،579 މެންބަރުން ތިބިއިރު، ޕާޓީގެ މެންބަރުންގެ އަދަދު 70،000 އިން މައްޗަށް ގޮސްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.





