އޮގަސްޓު މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 199.89 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 199.89 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު 191.16 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު، މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 1.56 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮގަސްޓު މަހު ލިބުނު ގްރީން ޓެކްސްއަކީ އެ މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 8.3 އިންސައްތައެވެ. އަދި އެ މަހު ދައުލަތަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީގެ 13.3 އިންސައްތައެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކިއެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަމުންދާ މި ޓެކުހަކީ ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުން ބޮލަކަށް 12 ޑޮލަރު އަދި ގެސްޓްހައުސްތަކުން 6 ޑޮލަރުގެ މަގުން ނެގޭ ޓެކުހެކެވެ. މި ފައިސާ ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާއާއި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ތިމާވެއްޓާ ގުޅުންހުރި މުހިންމު މަޝްރޫއުތައް ހިންގުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް