ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ. މީގެ ތެރެއިން މަސްއޫދު މި މަހުގެ 11 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ދެ މީހުން އަތުލައިގަތީ ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަދި ކަޅު ބާޒާރުގައި ޑޮލަރު ނުއަގުގައި ވިއްކުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިފަދަ މައްސަލަތަކުގައި 12 ބިދޭސީއެއްގެ މައްސަލަ ތަހުޤީޤު ކުރަމުންދާކަން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.





