ދިވެހިންގެ ތެރޭގައި އޮތް އިހުތިރާމުކުރުމުގެ ރީތި އާދަ އަލުން ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ކުރިއަށްގެންދާ "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" ގެ ލޯގޯ ފަރުމާކުރުމަށް އާންމުކޮށް ހުޅުވާލައި، މީޑިއާ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިސްވެ ހިންގާ މި މަޝްރޫއަކީ "އިހުތިރާމުގެ އުފާ- މުޖުތަމައުގެ ނަފާ" މި ޝިއާރުގެ ދަށުން 5 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދިނުމާއެކު، ގައުމީ މާހައުލާ ގުޅޭ ކުލަތައް ބޭނުންކުރަންޖެހެއެވެ. މި މުބާރާތުގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށާއި އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ. ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މީޑިއާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، މި މަޝްރޫއަކީ ހުރިހާ މިނިސްޓްރީތަކާއި ޖަމިއްޔާތަކާ މަޝްވަރާކުރެވިގެން ފަށާ ކަމެއް ކަމަށެވެ. އަދި 5 އަހަރަށް އަމާޒުކުރިޔަސް، މިއީ މުޅި މުޖުތަމައުގެ ފައިދާއަށްޓަކައި ދާއިމީ ގޮތެއްގައި ކުރިއަށްގެންދާންޖެހޭ މަޝްރޫއެއްކަން ފާހަގަކުރައްވައި، ކާމިޔާބީއަށް އެންމެންގެ އެއްބާރުލުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.




