ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލާއެކު ޕީޖީ ޢައްބާސް

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް މިސްޓަރ ޔިންގް ޔޮންގްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ބެއިޖިންގްގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓް (އެސްޕީޕީ) ގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ޤައުމުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޕްރޮސެކިއުޝަން ދާއިރާ ޑިޖިޓަލައިޒްކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެސްޕީޕީ އާއި ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ އޮފީހުގެ ދެމެދުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މަޝްވަރާތަކަށްފަހު ދެ ޤައުމުގެ މެދުގައި ވަނީ އެއްބާރުލުން ދިނުމުގެ ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ޕްރޮސެކިއުޓަރުން ތަމްރީނުކުރުމާއި، ފަންނީ ދިރާސާކުރުމުގެ އިތުރުން ސިއްރު މައުލޫމާތު ރައްކާތެރިކުރުމަށް އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޕީޖީ އޮފީހުން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ތަޖުރިބާއާއި މައުލޫމާތު ބަދަލުކުރުން އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް