ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ އިންޑިއާ ފިރިހެނަކު ޓަވަރެއްގެ މަތިން ވެއްޓި އަނިޔާވެގެން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، ގާތްގަނޑަކަށް 25 ފޫޓު މަތިން އެ މީހާ ވެއްޓުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:58 ހާއިރުއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ވިދާޅުވީ އެ މީހާގެ ހާލު މިވަގުތު ސީރިއަސް ނޫން ކަމުގައި ވީނަމަވެސް، ހެދި މެޑިކަލް ޓެސްޓުތަކުން އޭނާގެ އުނަގަނޑަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ފަރުވާއަށް އޭނާ މާލެ ގެންދިއުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގުޅޭގޮތުން ބަލަންޖެހޭ އެންމެހައި ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





