މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއީ ނޮވެމްބަރު 2022 ގައި މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަންވަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުވެސް މެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 8:30 ގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު، ރައީސް މުޢިއްޒާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެއެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ. އިންޑިއާގައި ބޭއްވި "ބްރިކްސް" ސަމިޓަށްފަހު ކުރައްވާ މި ދަތުރުފުޅަކީ ވޭތުވެދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1968 ވަނަ އަހަރުއެވެ.





