އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަދި ނަފުސާނީ ގޮތުން އަނިޔާކޮށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ތިން ފިރިހެން ކުދިން ގުޅިގެން އެ ކުއްޖާގެ މޫނުމަތީގައި ޖަހައި، ކޮއްޕައި، ހުތުރު ބަހުން އެއްޗެހި ކިޔުމުގެ އިތުރުން ފައިގައި އަތްލައި މާފަށް އެދުމަށް މަޖުބޫރުކުރުވާ މަންޒަރެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަޕާ ނޯތު ޕޮލިސް ކޮމާންޑްގައި ހިމެނޭ ރަށެއްގައި ހިނގި މި މައްސަލަ އިއްޔެ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އަނިޔާލިބުނު ކުއްޖާ ކާކުކަން އެނގޭފަދަ މައުލޫމާތެއް ނުވަތަ އެ ވީޑިއޯތައް އާންމު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ މުއައްސަސާތަކުން މިފަދަ މައްސަލަތަކުގައި ފިޔަވަޅު ނޭޅޭކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް