މުހައްމަދު ތޮލާލް

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ ދެ މަގާމަކަށް، ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޠަލާލާއި ވިލާ އެއާގެ ކުރީގެ ޖެނެރަލް މެނޭޖަރު އަޙުމަދު ހަބީބް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި ބަދަލާއެކު ޠަލާލް އައްޔަންކުރެއްވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށެވެ. އަދި ޙަބީބް އައްޔަންކުރެއްވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.

ޕްރިންސިޕަލް ސެކްރެޓެރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ޙަބީބް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޙަބީބަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން ވިލާ ހަކަތައާއި ކާޑެއްދޫ އެއާޕޯޓުގެ އިސް މަގާމުތައް ފުރުއްވާފައިވާ، އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް އައްޔަންކުރެއްވި ޠަލާލަކީ ނޮވެމްބަރު 2023 އިން Pat ސްޕޯޓްސް ކޮމިޝަނަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްކަމާއި، ޔޫތު މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒަރުކަމުގެ އިތުރުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް