ކައުންސިލް އިންތިޚާބުގައި އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށުގެ ބަދަލުގައި އެމީހަކު ދިރިއުޅޭ ރަށަކަށް ވޯޓު ލެވޭ ގޮތަށް އުސޫލުތައް ބަދަލުކުރުމަށްޓަކައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްއަށް "ބޮޑުބަދަލު" ގެ ފަރާތުން ގަރާރެއް ހުށަހަޅަން ނިންމައިފިއެވެ.
އަންނަ މަހުގެ އެކަކުން ތިނަކަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްއަށް މި ގަރާރު ހުށަހަޅުއްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއެވެ. އަދި މި ގަރާރަށް ތާއިދުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެ ޕާޓީގެ މެމްބަޝިޕް ކޮމިޓީގެ ކޯ-ޗެއާ އިލްޔާސް ލަބީބެވެ.
މި ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ލާމަރުކަޒީ ނިޒާމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނީ އެމީހަކު ހިދުމަތް ހޯދާ އަދި ދިރިއުޅޭ ދާއިރާއެއްގެ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންނެވެ. އެހެންކަމުން، މިހާރު އޮންނަ އުސޫލުގެ ބަދަލުގައި އެފަދަ ފުރުސަތެއް ހޯދައިދިނުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް މި ގަރާރުގައި ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހަކީ ދެ ގޭގެ މައްޗަށް އެކުލެވޭ މުއައްސަސާއަކަށް ބަދަލުކުރުމަށްޓަކައި ދިރާސާތައް ކުރުމަށާއި، އޭގެ ތެރެއިން މަތި ގެއަކީ އެކިއެކި ފަންނުތަކުގެ މީހުން ހިމެނޭ ތަނެއްގެ ގޮތުގައި ހެދުމަށްވެސް މި ސިޔާސަތުގައި ވަނީ ހިމަނައިފައެވެ.
އޭގެއިތުރުން، ދައުލަތުގެ މަގާމުތަކަށް އިންތިހާބުކުރެވޭ މީހުން އެމީހުންގެ ދައުރުގެ ތެރޭގައި މަގާމުން ވަކިކުރުމުގެ ފުރުސަތު ނުވަތަ ރީކޯލް ވޯޓަކަށް ދިއުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށްވެސް މި ގަރާރުގައި ވަނީ ހުށަހަޅާފައެވެ. އެމްޑީޕީން މިހާރު ވަނީ ކޮންގްރެސްއަށް ހުށަހެޅިފައިވާ ބޮޑުބަދަލު ސިޔާސަތު ކަރުދާހާއި، ލާމަރުކަޒީ ސިޔާސަތު ކަރުދާސް އަދި އަސާސީ ގަވާއިދުގެ އިސްލާހުތައް އާންމުކޮށްފައެވެ. އަދި މި އިސްލާހުތަކާ ގުޅިގެން އިތުރު ބަދަލެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.





