ހެލްތު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު، ރައީސް އޮފީހުގައި ވަޒީރު ފެންވަރުގައި އަދާކުރައްވަމުން ގެންދެވި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ނާޡިމް މިއަދު ހެނދުނު އިސްތިއުފާ ހުށަހަޅުއްވާފައިވާކަން ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިދިޔަ ޖޫން މަހުގެ ކުރީކޮޅު ރައީސް އޮފީހުގެ މި މަޤާމަށް ނާޡިމް އައްޔަންކުރެއްވީ، ހެލްތު މިނިސްޓަރުކަމުގެ މަޤާމުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޡިމް ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް ވޯޓަށްފަހު، ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އެ މަހުގެ 14 ވަނަ ދުވަހުއެވެ. އޭރު ކެބިނެޓުން އިސްތިއުފާ ދެއްވި ގިނަ ބޭފުޅުން ވަނީ ސަރުކާރުގެ އެހެން އިސް މަޤާމުތަކަށް އައްޔަންކުރައްވާފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޡިމް، މި ސަރުކާރު ފެށުނުއިރުވެސް ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ އިސް މަޤާމެއްގައެވެ. އެއަށްފަހު ސެޕްޓެމްބަރު 30، 2024 ގައި އޭނާ ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވިއެވެ. މިއަދު ރައީސް އޮފީހުގެ މަޤާމުން ނާޡިމް އިސްތިއުފާ ދެއްވި ސީދާ ސަބަބު ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.





