ބަންކަރިން ހިދުމަތް ފެށުން - ފޮޓޯ: އެމްޕީއެލް

ރާއްޖޭގައި އަލަށް ފެށި އޮފްޝޯ ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖެއަށް ވަތް އާމްދަނީއެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި އާމްދަނީ މީގެއަށްވުރެ އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމުގެ ގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ޚިދުމަތަކީ، އެސްޓީއޯ މެދުވެރިކޮށް ބައިނަލްއަޤްވާމީ ތަޖުރިބާކާރު ކުންފުނި ވިޓޯލްއާ ގުޅިގެން ދެމުންދާ ޚިދުމަތެކެވެ. މި ޚިދުމަތުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި ލޯ ސަލްފަރ އޮއިލްއެވެ.

އުތުރުގައި ބަނދަރެއް ނެތި އޮފްޝޯކޮށް ފެށި މި މަސައްކަތުގެ ދަށުން ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް ޚިދުމަތް ދެމުންދާއިރު، މަހުން މަހަށް އާމްދަނީ އަންނަނީ އިތުރުވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ފެށި މި މަސައްކަތް އިތުރަށް ހަރުދަނާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް