ރާއްޖޭގައި ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެކަމުގެ ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބޭރު ފައިސާގެ މައްސަލަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވަނީ، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އާ އިސްލާޙުތަކުގެ ތަފްސީލުތައް ހާމަކުރައްވާފައެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އާންމު ޤަވާއިދަށް ގެނެވުނު އިސްލާޙުގައިވާ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނަށް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާތީ، އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އުސޫލުގެ ދަށުން ފައިސާ މާރުކުރަންޖެހޭނެ ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެދެވޭ ޕޮޒިޓިވް ބަދަލުތަކެއް ފެންނާނެ ކަމަށް ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓާއި ޚިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްކަން ބަންޑާރަ ނައިބު ހަނދާންކޮށްދެއްވިއެވެ. އަދި އެފަދަ ފަރާތްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ވިދާޅުވެ، ރާއްޖޭގައި ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ބޭރު ފައިސާއާ ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނުގެ އިތުރުން ބޭންކިންގއާ ބެހޭ ޤާނޫނުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ރާއްޖޭގެ ކަޅު ބާޒާރުގައި ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ވިއްކަމުންދާ މައްސަލަ ހުއްޓުވައި ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.





