ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ މާފަރަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ނ. މާފަރަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މާފަރަށް 62.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ރ. އިފުރަށް ވަނީ 42.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ސާކިއުލޭޝަނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މިގޮތުން މާދަމާވެސް ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު، މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ބުދަ ދުވަހުގެ ފަހުންނެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށާއި މޫސުމީ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުފަތުރު ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް