ސިނަމާލެ ބުރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ޓެކްނިކަލް މަސައްކަތްތަކަށް ދިވެހިން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ 5 މީހުންގެ ޓެކްނިކަލް ޓީމެއް ޗައިނާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 15 އިން 26 އަށް ކުރިއަށްގެންދާ މި 10 ދުވަހުގެ ތަމްރީނު ޕްރޮގްރާމަކީ ބުރިޖުގެ ކޮންޓްރެކްޓަރު، ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޓީމު ފުރުމުގެ ކުރިން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގ ޒިއަންހުއާ ވަނީ ޓެކްނިކަލް ޓީމާ ބައްދަލުކުރައްވާފައެވެ. 2018 ވަނަ އަހަރު ހުޅުވި 200 މިލިއަން ޑޮލަރުގެ ސިނަމާލެ ބުރިޖު ބެލެހެއްޓުމުގައި ޗައިނާއިން ދެމުންދާ އެހީތެރިކަމަކީ ދެ ޤައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. ދާދިފަހުން ދެ ބޯޓެއް ޖެހި ބުރިޖުގެ ބޭރުފުށަށް ލިބުނު ކުދި ގެއްލުންތައް އިންސްޕެކްޓްކޮށް، ސްޓްރަކްޗަރަލް ބޮޑު ގެއްލުމެއް ނުވާކަން ކަށަވަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައިވަނީ މި ކުންފުނީގެ އެހީތެރިކަމާއެކުގައެވެ.





