ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله” އަދި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް، "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" (ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު) ގެ ބިންގާ އަޅައިފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން ބިންގާއެޅި މި މަޝްރޫޢުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ސަޢޫދީ އަލްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިޙީއާއި، ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލް-ޤަހްތާނީގެ އިތުރުން އެޗްޑީސީގެ އެމްޑީ ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 10,000 މީހުންނަށް ނަމާދު ކުރެވޭނެ ތަނަވަސް ޖާގައެއް އެކުލެވޭ ބިނާއެކެވެ. މި ބިނާގައި އިދާރީ އޮފީސްތަކުގެ އިތުރުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއް، ޤުރުއާން ދާރުލްއާސާރެއް، އެގްޒިބިޝަން ހޯލެއް އަދި މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއް ހިމެނޭނެއެވެ. މީގެއިތުރުން، އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައެއް އަދި ގިފްޓް ޝޮޕެއްވެސް ގާއިމުކުރާނެއެވެ.

ސަރުކާރުން ގަބޫލުކުރައްވާ ގޮތުގައި މިއީ ރާއްޖޭގެ އިސްލާމީ ޙަޟާރަތާއި ފަރުމާވެރިކަން ރަމްޒުކޮށްދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ އަގުހުރި ތަރިކައެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް