ސަޢޫދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެ ވަޑައިގެންފިއެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީ ބައްދަލުވުންތަކެއް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
ސަޢޫދީ ފަންޑަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައި މެދުކެނޑުމެއް ނެތި ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ފަރާތެކެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 އަށްވުރެ ގިނަ މަޝްރޫޢު އެ ފަންޑުގެ އެހީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ސައުދީ ފަންޑުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާފައިވާ އެހީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރު ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް "ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް" އަރުވާފައެވެ.





