ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ނުލިބި، މިއަދު އިތުރު ނުވަ ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެފައިވާ އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެތަކަށް ފެންވަދެފައިވާއިރު، އޭގެ ތެރެއިން އެއް ގެއެއްގައި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވުމުން އެގޭގައި ދިރިއުޅޭ އާއިލާއަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އަދި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވި ގޭގެ އާއިލާއަށްވެސް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އައްޑޫގެ އިތުރުން ފުވައްމުލަކަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާއިރު، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. ވައިޖެހޭ ބާރުމިނަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.





