ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

69 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަތީ ފަންތީގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރާވަޑައިގެންފިއެވެ.

ސައުތު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސީޕީއޭ ސައުތު އެފްރިކާ ބްރާންޗުން ގުޅިގެން އިންތިޒާމުކުރާ މި އަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 19 ގެ ނިޔަލަށް، ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ. މިއީ ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި ޕާލިމެންޓަރީ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށާއި، ވެރިކަން ހިންގުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި ދެފަރާތުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކޮމަންވެލްތުގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އިސް އޮފިޝަލުން މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމާއި، ދިއްގަރު ދާއިރާގެ މެންބަރު އަދި ސީޕީއޭ އޭޝިއާ ރީޖަނަލް ރެޕްރެޒެންޓެޓިވް އަހުމަދު ނާޒިމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މަޖިލީހުގެ އިދާރީ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ އާއި މަޖިލީހުގެ އިދާރާގެ ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު އައިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ ސަބަބުން ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަޖިލީހުގެ ދައުރު ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް