ރާއްޖެއަށް 9 ޤަރުނު އިސްލާމީ ޝަރަފް ލިބުމަކީ ފަހުރެއް: ފަސްޓް ލޭޑީ ސާޖިދާ

ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާފަދަ ފަހުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހީންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބާ ފާހަގަކުރެއްވުމުގެ ގޮތުން އެކްސްގައި ހިއްސާކުރެއްވި ޚާއްސަ މެސެޖެއްގައި، އެކަމަނާ ވަނީ މި މަތިވެރި ނިއުމަތާއި ރަހުމަތް ދިވެހިރާއްޖެއަށް މިންވަރުކޮށްދެއްވީތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވައި، މުޅި ދިވެހި އުންމަތަށް މި ބާއްޖަވެރި މުނާސަބާގެ ހޫނު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި މުނާސަބާއާ ގުޅުވައިގެން ތާރީޚީ ޞަފްޙާތަކަށް އަލިއަޅުއްވާލަމުން، ރާއްޖެއަށް އިސްލާމްދީނުގެ އަލިކަން ލިބިގެންދިޔަގޮތް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މީލާދީ ސަނަތުން 1153 އަދި ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައި، އޭރުގެ ރަދުން ކަމަށްވާ ތީމުގޭ މަހާ ކަލަމިންޖާ އިސްލާމްދީން ޤަބޫލުކުރައްވައި، އައްސުލްޠާނު މުޙައްމަދު ބިން ޢަބްދުﷲގެ ނަންފުޅު ޚިޔާރުކުރެއްވި ހިސާބުން ފެށިގެން މުޅި ދިވެހި ޤައުމު ބަދަލުވެގެންދިޔަ ކަމަށް ބަޔާންކުރެއްވިއެވެ. އޭގެފަހުން މިއަދާ ހަމައަށް އައިއިރު، އެކި ތަފާތު ގޮންޖެހުންތަކާއި ދުނިޔެއަށް އައި ބަދަލުތަކާ އެކުވެސް ދިވެހިން ތިބީ އެއްބައިވަންތަކަމާއި ސާބިތުކަމާއެކު އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ކަން ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހިރާއްޖެއަކީ އަބަދަށްމެ އިސްލާމީ ހިދާޔަތާއި ރިވެތި އަޚްލާޤުގެ މަތީގައި ފެހިވެގެންވާ ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް