އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، އައްޑޫ ލިންކް ރޯޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ކޮންމެހެން ދަތުރުކުރަންޖެހިގެން ނޫން ގޮތަކަށް އެ މަގު ބޭނުންނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.
ކައުންސިލުން ނެރުނު ސަމާލުގައިވާ ގޮތުން، ވިއްސާރައިގައި ރަށުތެރޭގައި ހެދިފައިވާ ފެން ހިންދުމަށްޓަކައި ޕަމްޕު ބަހައްޓައި، އެކި ސަރަހައްދުތަކަށް ހޮޅިތައް އަޅަމުންދާތީ މަގުތައް ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އަދި މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން މަގު ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް އުޅަނދުފަހަރު ނުދުއްވުމަށާއި، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އުޅަނދުތަކުގެ ސްޕީޑް މަޑުކޮށްގެން ދުއްވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އައްޑޫގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން އެއްގަމު މަގުން ގުޅާލަދޭ މައި މަގުގެ އެކި ސަރަހައްދުތަކުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުތަކުގެ ސަބަބުން އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ. މީގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތައް މަރާމާތުކުރަންޖެހި މާލީ ތަކުލީފުތަކާ ކުރިމަތިވުމުގެ އިތުރުން، ވިޔަފާރި މުދާ އުފުލުމުގައި ދިމާވާ ލަސްތަކާއެކު މުޅި ސިޓީގެ އިގުތިސާދަށްވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.





