ސައުދީގެ އީސްޓް ޓު ވެސްޓް ހޮޅި ލައިން އިން ދުން އަރާތަން ފެންނަ ސެޓްލައިޓް ފޮޓޯ

ސަޢުދީ ޢަރަބިއްޔާގެ "އީސްޓް-ވެސްޓް" ތެޔޮހޮޅިއަށް ދިން ޑްރޯން ހަމަލާއަކީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، އެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރިޔާޟާއި މަދީނާ ސަރަޙައްދުގައިވާ އީސްޓް-ވެސްޓް ހޮޅިލައިނަށް އަމާޒުކޮށް އިރާޤު ސަރަޙައްދުގެ ތެރެއިން ދިން މި ހަމަލާއާ ގުޅިގެން، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާގައި އާންމުންނަށް އަނިޔާވެ ހޮޅިލައިނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާއާ ގުޅިގެން އެ ތެޔޮހޮޅިތައް މިހާރު ވަނީ ބަންދުކޮށްފައެވެ.

މިއީ ސަޢުދީ ޢަރަބިއްޔާގެ މުހިންމު ޢުމްރާނީ ވަސީލަތަކަށް ދެވުނު ހަމަލާއެއް ކަމަށާއި، މިއީ އެ ގައުމުގެ އިސްތިޤުލާލާއި ސަރަޙައްދީ މިނިވަންކަމަށް އަރައިގަތުން ކަމަށް ދިވެހި ސަރުކާރުން ފާހަގަކުރިއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަޙައްދުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ޚާރިޖިއްޔާގެ ބަޔާން ނިންމާލާފައިވަނީ ދިވެހި ރައްޔިތުން ތިބީ ސަޢުދީ ސަރުކާރާއި ރައްޔިތުންނާއެކު ކަން ހާމަކުރައްވަމުންނެވެ. އަދި އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ސަޢުދީން ކުރަމުންދާ އެންމެހައި މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް